ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އަމާޒުކޮށްގެން ބާއްވާ “ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ފޯރަމަކީ މިހާރު ކުރިއަށްދާ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި އިންތިޒާމުކޮށްފައިވާ މުހިންމު ހަރަކާތެކެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، މީގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނި ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން އިންތިޒާމުކުރި ފޯރަމެކެވެ.

އިޤުތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްތަކަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރައީސް ޑރ. މުޢިއްޒު ބޭރު ޤައުމުތަކަށް ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގައި ވެސް މިފަދަ ބިޒްނަސް ފޯރަމްތައް ބާއްވަވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނާ ހިއްސާކުރެވެއެވެ.

މިހާތަނަށް މި ސަރުކާރުން ވަނީ ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތް އަދި ޕާކިސްތާން ހިމެނޭހެން ޖުމްލަ 7 ޤައުމެއްގައި މިފަދަ ފޯރަމްތައް ބާއްވާފައެވެ. މީގެ ތެރެއިން އިންޑިއާގެ ތިން ސިޓީއެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އިޤުތިޞާދީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކާއި އިންވެސްޓްމަންޓްތައް ރެޖިސްޓްރީކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Leave a Reply