މ. އަތޮޅުގެ ހަތް ރަށަކުން ދޭ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެެވެ.

މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށުގައި ދެމުން އަންނަ ޔުޓިލިޓީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ހިދުމަތް ކުރިން ދެމުން އައީ ފެނަކަ ކޯޕަރޭޝަންއިންއެވެ.

ނަމަވެސް ސްޓެލްކޯއިން މިއަދު ބުނީ އެ ހިދުމަތްތަކާ މިއަދު އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިވެސްކޮށްފައިވާ އިރު އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިންއެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ ނިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު ސްޓެލްކޯއިން ވަނީ ބ، ޅ އަދި މ އަތޮޅުގައި ހިމެނޭ 25ރަށުގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ހިދުމަތް ވެސް އެ ކުންފުނީގެ ދަށަށް ބަދަލުކުރަން ފެނަކައާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސްޓެލްކޯއިން މިހާރު ވެސް ދަނީ  ގްރޭޓާ މާލެ، ކ، އއ، އދ، އަދި ވ. އަތޮޅުގެ ރަށްތަކަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

Leave a Reply