
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ދެ އަހަރު ތެރޭގައި ނިންމަން އަމާޒު ހިފައިފިއެވެ.
އެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވީ އެ މިސްކިތުގެ ބިންގާ އެޅުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ގިނަވެސް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ ބައި ނިންމުން ކަމަށެވެ.
އަދި މިސްކިތާއެކު ވަގުފު މަޝްރޫއުތަކެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތާއެކު ރާއްޖޭގެ 900އަހަރުވީ އިސްލާމީ ހަޟާރާތަކުގެ ވާހަކަ ކިޔައިދޭނެ ކޮޓަރިތަކާއި ހޯލްތައް ވެސް ހުންނާނެ ކަމަށެވެ.
“އަދި މިތަން ވެގެންދާނީ ޓޫރިސްޓުންނަށް ވެސް ޒިޔާރަތްކުރެވޭފަދަ ތަނަކަށް. އެފަދަ ގޮތަކަށް މިތާނގެ ޑިޒައިން ކުރަމުން މިދަނީ”މިނިސްޓަރު ވިދާޅުވިއެވެ.
އެ މިސްކިތް ބިނާކުރަނީ 10،000މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށެވެ.
އަދި މިސްކިތުގެ ބިނާގައ އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަގާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިންގުމަށް ހާއްސަ މަރުކަޒެއް ހިމެނެއެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































