ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޑރ. ފައިރޫޝް ފާހަގަކުރެއްވި ގޮތުގައި، އެ ނިންމެވުމަކީ ވަރަށް ފުންކޮށް ވިސްނާވަޑައިގަތުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށާއި ދައުލަތަށް ޚިދުމަތްކުރުމުގެ މަރުހަލާއަށް ނިމުމެއް ގެނައުމަށް މިއީ އެންމެ މުނާސަބު ވަގުތުކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ލިބިވަޑައިގަތް ފުރުސަތުތަކަށާއި، އެކުގައި މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށާއި މުއައްސަސާތަކަށް ފައިރޫޝް ވަނީ ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފުރަތަމަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި ފައިރޫޝް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރެއްވީ ނިމިދިޔަ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުއެވެ. ސިޔާސީ މަގާމުތަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފައިރޫޝް ވަނީ ދިވެހި ފުލުހުންގެ މުއައްސަސާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވަނިކޮށް 2021ވަނަ އަހަރު އޭނާ ޝަރަފުވެރިކަމާ އެކު ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވިއެވެ.

Leave a Reply