
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި އެއަރލައިންތަކުގެ ތަފުސީލު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ޢާންމުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހި ޙައްޖުވެރިން އުފުލުމަށް ޖުމްލަ ހަތަރު ފްލައިޓެއް ބާއްވާނެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ ގައި ދަތުރުކުރާއިރު، ބާކީ ތިބި ޙައްޖާޖީން އުފުލާނީ ސަޢުދީ އެއަރލައިންސް އިންނެވެ. މިގޮތުން، މި ހިނގާ މެއި މަހުގެ 15 އަދި 18ވަނަ ދުވަހު ސަޢުދީ އެއަރލައިންސްގެ ދަތުރުތައް އޮންނާނެއެވެ. އަދި މެއި މަހުގެ 17 އާއި 19ވަނަ ދުވަހު އޮންނާނީ މޯލްޑިވިއަންގެ ފްލައިޓުތަކެވެ.
ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ޚާއްޞަކޮށް މިނާގައި ޤާއިމުކުރާ ޓެންޓުތަކުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ. މީގެ އިތުރުން، ދިވެހި ޙައްޖު މިޝަނުން ވަނީ މައްކާގައި ދިވެހިން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތައް ބަލައި ފާސްކޮށް، ޙައްޖާޖީންނަށް ބޭނުންވާނެ އެންމެހާ އަސާސީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހުރިކަން ކަށަވަރުކޮށްފައެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދޫކުރަނީ 1000 މީހުންގެ ޙައްޖު ކޯޓާއެކެވެ. މީގެ ތެރޭގައި ޢާންމު ރައްޔިތުންގެ އިތުރުން، އެހީތެރިންގެ ގޮތުގައި ދާ މީހުންނާއި އޮފިޝަލުންގެ އަދަދުވެސް ހިމެނެއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































