
ގިނަ އަދަދެއްގެ ޑްރަގު ރާއްޖެ އެތެރެކުރި އިންޑިއާގެ ދެ އަންހެނުންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އިންޑިއާއަށް ނިސްބަތްވާ ޖެނިފާ ޕައުލް (34އ)އާއި އުލްފަތު ރަސޫލް (23އ)ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ފުރަތަމަ ފަހަރު އެ ދެ މީހުންގެ ބަންަދަށް 15ދުވަސް ޖެހުމަށް ފަހު ފަހުން ކްރިމިނަލް ކޯޓުން ވަނީ 30ދުވަސް ޖަހައިދީފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުން އިތުރު 30ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ކަސްޓަމްސްއިން އެ ދެ މީހުން އަތުލައިގަތީ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކުއެވެ. އަދި ފަހުން ފުލުހުންނާ ދެ މީހުންވެސް ހަވާލުކުރީއެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ ކޮސްމެޓިކްސް ދެ ފުޅިންނެވެ.
ފަހަކަށް އައިސް އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































