
ކ. ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅުނު 35 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އެންފޯސްމަންޓް އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަނަކީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެގޮތުން، ތިލަފުށީ ފެރީ ޓާމިނަލާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި، އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 35 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެއީ 31 ބަންގްލަދޭޝް މީހުންނާއި އިންޑިޔާ އަށް ނިސްބަތްވާ 3 މީހުންގެ އިތުރުން ނޭޕާލު މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މީހުން ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވިސާގެ މުއްދަތު ހަމަވެފައިވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވުމުގެ އިތުރުން މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބައެއް މީހުންނާއި، ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމަށް ތުހުމަތުކުރެވުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން މިހާރު ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އަނބުރާ ގައުމަށް ފޮނުވާލުމުގެ މަރުހަލާތައް ފުރިހަމަކުރުމަށް ޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































