މާލޭގެ ފިހާރައެއްގެ ސޭލްސް ފައިސާގެ ގޮތުގައި ހުރި 25،000 ރުފިޔާއާއި މޯބައިލް ފޯނެއް ވަގަށް ނަގައިގެން ރާއްޖެއިން ފުރަން އުޅެނިކޮށް ހައްޔަރުކުރި ސްރީލަންކާ މީހަކު، ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފިއެވެ.

ވައްކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ވަނީ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ ބިދޭސީއެކެވެ. މީނާއަކީ ކުރިން އެ ފިހާރައިގައި ވަޒީފާ އަދާކުރި މީހެއްކަމަށްވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފިހާރައިގެ ސީސީޓީވީ ފުޓޭޖުތަކާއި، ދެ މީހެއްގެ ބަޔާނުގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީއާއި ފުރަން ނަގާފައިވާ ފްލައިޓް ޓިކެޓު ހިމެނެއެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ވީޑިއޯ ފުޓޭޖުން ފެންނަ މީހާއަކީ އެ ފިހާރައިގައި ކުރިން މަސައްކަތްކުރި އެންތޮނީކަން އެހެން މުވައްޒަފުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ހާދިސާ ހިނގުމުގެ ދިހަ ދުވަސް ކުރިން ވަޒީފާއިން ކެނޑިފައިވާނެ ކަމަށާއި، ވައްކަން ކުރި ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމާ ގުޅޭ 2،326 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

Leave a Reply