ރާއްޖޭގައި އަލަށް ފެށި މަސައްކަތުގެ މާހައުލާ ގުޅޭ ނަފްސާނީ ދުޅަހެޔޮކަމުގެ ސެމިނާރް ހުޅުވައިދެއްވަމުން، އޮފީސްތަކުގެ ތެރޭގައި އެކުވެރިކަމާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

މީސްމީޑިއާގައި އެކަމަނާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވި ގޮތުގައި، އޮފީސްތެރޭގައި ކުރިމަތިވާ ތަފާތުކުރުންތަކާއި، ބިރުވެރިކަމާއި، ހާސްކަމަކީ މީހާގެ ސިކުނޑިއާއި ނަފްސާނީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުތައް ފޯރާ ކަންކަމެވެ. އެހެންކަމުން، މުއައްސަސާތައް ހިންގުމުގައި އެކި ފަންތީގެ ވެރިންނާއި މުވައްޒަފުން ގުޅިގެން ޚިޔާލު ބަދަލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ވެސް ނަފްސާނީ ހާލަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކާ ގުޅޭގޮތުން 2020 އަދި 2021ވަނަ އަހަރު ހަދާފައިވާ ދިރާސާތަކަށް އިޝާރާތްކުރައްވަމުން އެކަމަނާ ވިދާޅުވީ، ދިވެހިންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އުނދަގޫތައް ތަހައްމަލުކުރާ މީހެއް ކަމަށެވެ. މީގެ އިތުރުން، ސިކުނޑި ހަމަޖެހިގެން މަސައްކަތްކުރާ މުވައްޒަފުން އުޅޭ އިދާރާތަކުގައި ސަލާމްބުނުމާއި ގަޑިޖެހުން ފަދަ މައްސަލަތައް މަދުކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދެވޭނެކަން މެޑަމް ސާޖިދާ ބަޔާންކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދާ މި ޚާއްޞަ ސެމިނާރަކީ ރާއްޖޭގެ ތާރީޚުގައިވެސް މި މައުޟޫއަށް ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ. މި ހަރަކާތުގައި ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންގެ އިތުރުން ސިވިލް ސަރވިސްގެ އިންސާނީ ވަސީލަތްތަކާބެހޭ ދާއިރާގެ 60 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Leave a Reply