މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ގުދަނެއް ހުސްކުރުމަށް ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ތަކުރާރުކޮށް އެންގުމާ ގުޅިގެން، އެކަން ހުއްޓުވުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެފައެވެ. އެ ކުންފުނިން ކޯޓުގައި އެދިފައި ވަނީ ބިން ހުސްކުރުމުގެ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި، މިކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. މި ދައުވާ އުފުލާފައި މި ވަނީ، އެ ތަން ހުސްނުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ފާއިތުވި ހަފުތާގައި ފާސްކޮށްފައި ވަނިކޮށެވެ.

މައްސަލަ ޖެހިގެން އުޅޭ ބިމަކީ ފީފާ ފޯވާޑް ޕްރޮޖެކްޓް ހިންގުމަށްޓަކައި 2017ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަކަށް ސަރުކާރުން އެފްއޭއެމްއާ ހަވާލުކޮށްފައިވާ ސަރަހައްދެކެވެ. އެފްއޭއެމްއިން މައުލޫމާތު ދޭ ގޮތުގައި، ފުޓްބޯޅަ ދަނޑެއް އެޅުމަށް ޚާއްސަކޮށްފައިވާ އެ ބިމުގައި ފިއުޗާ ހޯމްސްއިން ވަނީ 2،700 އަކަފޫޓުގެ ސަރަހައްދެއްގައި ޑެކް އަޅައިގެން ދެބުރި ގުދަނެއް އިމާރާތްކޮށްފައެވެ. މި ތަން ހަދާފައި ވަނީ މާލެ ސިޓީ ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމެއް ނެތިކަން އެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އެފްއޭއެމްއިން ބުނެއެވެ.

މި ގުދަން އޮއްޕޮގެ ކުންފުންޏަށް ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް 25 އަހަރުގެ ދިގު މުއްދަތަކަށެވެ. ކުރިން ބުނެފައިވާ ގޮތުންނަމަ އެ ބިން ދޫކުރީ އެ ސަރަހައްދު ސާފުކޮށް ކުނި އުކާލުމަށް އޮއްޕޮގެ ކުންފުނިން ޚަރަދުކުރި 1.8 މިލިއަން ރުފިޔާގެ ބަދަލުގައެވެ. ނަމަވެސް، ކުނި އުކާލުމާ ގުޅޭ އެފަދަ އެއްވެސް މުއާމަލާތެއްގެ ރަސްމީ އެއްބަސްވުމެއް އެފްއޭއެމްގައި ނެތްކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Leave a Reply