އަންނަ އަހަރުން ފެށިގެން 2029ވަނަ އަހަރާ ހަމައަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައި، ހުރިހާ އިދާރާތަކަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމަށް އަންގައިފިއެވެ.

އަންނަ އޮގަސްޓު މަހުގެ 20ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން، އެސްއޭޕީ ބީޕީސީ މޮޑިއުލް މެދުވެރިކޮށް މި ބަޖެޓުތައް ހުށަހަޅަން ޖެހޭއިރު، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ނުފޮނުވާ އިދާރާތަކުގެ ބަޖެޓުތައް އަމިއްލައަށް ކަނޑައެޅުމުގެ އިޚްތިޔާރު މާލީ ވުޒާރާއަށް ލިބިގެންވެއެވެ. އޮފީސްތަކުން ތައްޔާރުކުރަންޖެހޭ ބޭސްލައިން ބަޖެޓަކީ، މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތަކާއި ހަރަކާތްތައް ހަމަ އެ މިންވަރުގައި ކުރިއަށް ގެންދިއުމަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދުތަކެވެ. އެހެންކަމުން މީގެ ތެރޭގައި އަލަށް ފަށަން ގަސްތުކުރާ ކަންކަމާއި، އައު މުވައްޒަފުން ނެގުމަށް ކުރާނެ ޚަރަދުތައް ނުހިމެނޭނެއެވެ.

އެ ވުޒާރާއިން ނެރެފައިވާ ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އޮފީހަކުން ވެސް ޕްރޮގްރާމްތަކަށް ބަހާލައިގެން ޚަރަދުތައް ރާވަންވާނީ އެ ތަނަކަށް ކަނޑައަޅާފައިވާ ބަޖެޓު ސީލިންގަށްވުރެ އިތުރުނުވާނެހެންނެވެ. މި ބަޖެޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި ކޮންޓްރޯލްކޮށް މެދުރާސްތާގައި ފިސްކަލް ދެމެހެއްޓެނިވިކަން ޔަގީންކުރުމާއި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ޚަރަދުތަކުން ނެރެވޭ ނަތީޖާ ރަނގަޅުކުރުމާއި، ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ވެސް އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚަރަދުކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއްގެ ގޮތުން، އިދާރާތަކުގެ އެތެރޭގައި ބާއްވާ އަހަރީ ޖަލްސާތަކަށް ބަޖެޓުން ޖާގަ ނުދިނުމަށާއި، ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް އެންމެ ޚަރަދުކުޑަ ގޮތަކަށް ރޭވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ހިނގާނެ ޚަރަދުތައް ހިމަނަން ވާނީ ހަމައެކަނި މި މަހުގެ ނިޔަލަށް ހުއްދަދީފައިވާ މަޤާމުތަކަށް އެކަނި ކަމަށާއި، އައު ހަރުމުދާ ގަތުމާއި މަރާމާތުކުރުން ފަދަ ކަންކަންވެސް ކުރަން ވާނީ ޚިދުމަތްތައް މެދުކެނޑިދާނެ ފަދަ ހާލަތްތަކުގައި އެކަނިކަމަށް މާލީ ވުޒާރާއިން އިރުޝާދުދީފައިވެއެވެ.

Leave a Reply