މާލެ ސަރަހައްދުގައި ފަންނީ މަސައްކަތްކުރާ ގައިދީންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ތަރައްގީކުރި ޖަލުގެ އައު ޔުނިޓް ރަސްމީކޮށް ހުޅުވައި، ފުރަތަމަ ބުރުގައި 16 ގައިދީއަކު އެތަނަށް ބަދަލުކޮށްފިއެވެ.

ނޫސްވެރިންނަށް މި އާ ޔުނިޓް ދައްކާލުމަށް ބޭއްވި ހަރަކާތުގައި، ކަރެކްޝަންސްއިން ވަނީ އެ އިމާރާތުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ތަނުގައި ޖުމްލަ ފަސް ޔުނިޓެއް ހުންނާނެއެވެ. އަދި މި ޕްރޮޖެކްޓް އެއްކޮށް ނިމުމުން އެއްފަހަރާ 140 މީހުންނަށް މި ޖަލުގައި ތިބެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވި ގޮތުގައި، މި ތަނަކީ މާލެ ސަރަހައްދުގައި އެކިއެކި ފަންނީ މަސައްކަތްތަކުގައި އުޅޭ ޙުކުމް ތަންފީޛުކުރާ ގައިދީން ބޭތިއްބުމަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް އިމާރާތުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އާ ޖަލުގެ ސަބަބުން ކަރެކްޝަންސްއަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ބޭސްފަރުވާއަށާއި ޝަރީއަތްތަކަށް މާލެ ގެންނަންޖެހޭ ގައިދީން ވަގުތީގޮތުން ބައިތިއްބާނެ މަރުކަޒެއް ލިބުމުގެ އިތުރުން، އެފަދަ ކަންކަމުގައި ދަތުރުފަތުރު ކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

Leave a Reply