
ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކޮށްފިއެވެ.
ސިނގިރެޓް ނަގަމުންދިޔަ ޓެކްސް އަށް ރުފިޔާއަށް ބޮޑުކުރީ މި ހިނގާ ވެރިކަމުގައި 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެގޮތުން ކުރިން ސިނގިރެޓްއަކަށް ނަގަމުންދިޔަ 3.30ރުފިޔާއިން އަށް ރުފިޔާ އަށް އޮތީ ބޮޑުކޮށްފައެވެ.
ނަމަވެސް އިއްޔެ މަޖިލީހުން ވަނީ ސިނގިރެޓަކުން ނަގަމުން އައި ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބިލު ރައީސް މުއިއްޒު ތަސްދީގުވެސްކުރައްވާފައިވާ ކަމަށެވެ. އެއާއެކު އެ ބިލު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް މިހާރު ވަނީ އިސްލާހުތަކަށް އަމަލުވެސްކުރަން ފަށައިފައެވެ.
އެ ބިލުގައި، ސިނގިރޭޓްގެ އިތުރުން ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)އިން ނަގާ ޑިއުޓީއަކީ ވެސް ހަތަރު ރުފިޔާކަމުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































