
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ ދަޢުވަތަކަށް، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޤްޞަދުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ތާރީޚީ ޒިޔާރަތުގައި، ބޭރުގެ އިއްޒަތްތެރިންނަށް ދިވެހި ސަރުކާރުން އަރުވާ އެންމެ މަތީ ދަރަޖައިގެ މަރުޙަބާ ދެންނެވުމަށްޓަކައި ޖުމްހޫރީ މައިދާނާއި ޢިއްޒުއްދީން ފާލަން ސަރަޙައްދުގައި ބޮޑެތި ތައްޔާރީތަކެއް މިހާރު ވެސް ދަނީ ވަމުންނެވެ. އެގޮތުން، ޢިއްޒުއްދީން ފާލަމުގެ ސަރަޙައްދު ޒީނަތްތެރިކޮށް، މަރުޙަބާގެ ގިޑިގެ ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބަޔަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިއާގެ ބޮޑުވަޒީރާ ދެމެދު ބޭއްވޭ ރަސްމީ މަޝްވަރާތަކެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުންތަކުގައި ދެ ޤައުމަށް ފައިދާހުރި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މި ވަޑައިގަންނަ ވަނީ، 2025ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވައެވެ. މިއީ 2022ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ސަރުކާރާ ޙަވާލުވެވަޑައިގަތުމަށް ފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތްކަން ވެސް ފާހަގަކޮށްލެވެއެވެ.
އަންވަރު އިބްރާހީމަކީ ބައިނަލްއަޤުވާމީ މައިދާނުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ހައްޤުގައި ވަރަށް ކެރިގެން ވަކާލާތުކުރައްވާ އަދި އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ނުފޫޒުގަދަ ލީޑަރެކެވެ. މީގެ އިތުރުން، އޭނާގެ ޒަޢާމަތުގައި 34 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިއާއަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން އިންސާފުވެރި ތަރައްޤީއެއް ގެނެސްދެއްވުމަށް ބޮޑެތި އިޞްލާޙީ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































