އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ “އިތުބާރު” ކެމްޕޭންގެ މެނިފެސްޓޯ އިފްތިތާޙުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޖަލްސާގައި، އޭނާއަކީ ބަހުގެ އިތުބާރު ހިފަހައްޓަވާނެ ބޭފުޅެއްކަމުގެ ޔަޤީންކަން ދެއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދެއްވުމަކީ އެންމެ ބޮޑު އަމާޒުކަމުގައި ވިދާޅުވެއްޖެއެވެ.

މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އޭނާ މި މަޤާމަށް ކުރިމަތިލެއްވި އެންމެ ބޮޑު އެއް ބޭނުމަކީ ޕާޓީއާމެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން އާލާކުރުމެވެ. ސިޔާސީ މައިދާނަކީ އަބަދުވެސް ހަޑިމުޑުދާރު ތަނެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށް ޤަބޫލުނުކުރައްވާކަން ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ އޭނާގެ މަޤްޞަދަކީ ރާއްޖެއަށް “ޕްރިންސިޕަލްޑް ޕޮލިޓިކްސް” ނުވަތަ އުޞޫލީ ސިޔާސަތުތަކެއް ތަޢާރަފުކޮށްދެއްވުން ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނެސް، އެމްޑީޕީގެ ތެރެއިން ވެރިކަން ހިންގުމުގެ ނިޒާމު އިޞްލާޙުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ނުފުއްދޭނެ ވަޢުދުތައް ނުވާނެކަމުގެ ޔަޤީންކަން ޕާޓީގެ އާންމު މެންބަރުންނަށް މީކާއިލް ދެއްވިއެވެ. ޕާޓީއަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައާއި ކާމިޔާބީގައިވެސް މެންބަރުންނާއެކު ސާބިތުވެ ހުންނެވިކަން ހަނދާންކޮށްދެއްވަމުން، ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމިހުންނަވާނެކަމަށް ވިދާޅުވިއެވެ. އެމްޑީޕީއަކީ ސިޔާސީ ގޮތުން ބާރުވެރި ޕާޓީއަކަށް ހެދުމަށްޓަކައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ އެތެރޭގައި އިންސާފުވެރި އަދި ހަމަހަމަ ޕްރައިމަރީއެއް ބޭއްވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ އިންސާފުވެރި މަގަކުން ކަންކަން ރާވައި ހިންގާނެ ޗެއަރޕާސަނަކު އިންތިޚާބުކުރުމަކީ ޕާޓީގެ މުސްތަޤުބަލަށް އިންތިހާއަށް ބޭނުންތެރި ކަމެއްކަމުގައި މީކާއިލް ވިދާޅުވިއެވެ.

Leave a Reply