ތިން މިނިސްޓްރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހުޅު ޖެހުމުގެ ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލި އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިހުސާން ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ ހާދިސާގައި ހުޅު ޖެހުމުގެ ހަމަލާއެއް ނުހިމެނޭ ކަމަށެވެ.

“ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއް ގޮތަކަށް ނޫން އަޅުގަނޑުމެންނަށް ހާދިސާގެ ތަހުގީގުން މި ފެންނަނީ. ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝަލް ސްޓޭޖްގައި ފުލުހުން އެތަނަށް އެޓެންޑްވެގެން، ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަ ވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަނާ ތަކެއްގެ ވައިރުތަކެއްގައިކަން،” އިހުސާން ވިދާޅުވިއެވެ.

2024ވަނަ އަހަރު ހިނގި މި ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ހައުސިން މިނިސްޓްރީ ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވައިރޮމެންޓް މިނިސްޓްރީ ގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އޮފީސް ވެސް މި ހާދިސާގައި އަނދާފައިވެއެވެ.

މި ހާދިސާތަކުގައި އިމާރާތުގައި ހުރި ގިނަ ލިޔެކިއުންތަކެއް އަނދާފައިވާއިރު މިއީ ދިވެހި ދައުލަތުގެ އިމާރާތެއް މިހެން ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

Leave a Reply