
ސަރުކާރުގެ ސްކޫލްތަކުގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކުރުމަށް މި ސަރުކާރުން ފަށައިގެން ކުރިއަށްދާ މަޝްރޫއުގެ ތެރެއިން މިހާތަނަށް 61 ޕަސެންޓް ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ޝަފީއު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މިނިސްޓަރާ ކުރެއްވުމަށް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި އިތުރު ސުވާލުތަކުގެ ތެރެއިން ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން ވަނީ ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއުގެ އަދާހަމައާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ފުރަތަމަ ފާހަގަކުރެއްވީ މި ސަރުކާރުގެ ކުރިން ސްކޫލްތަކުގެ މާހައުލު ފިނިކުރުމަށް އެއްވެސް ސަރުކާރަކުން އަހަންމިއްޔަތުކަން ދީފައި ނެތްކަމެވެ. ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަތުމުން، އެ ރަށްރަށުގެ ސްކޫލް މެނޭޖުމަންޓްތަކުގެ ފަރާތުން އެދުމުން، ހާއްސަ އިސްކަމެއް ދީގެން ގެންދާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މީގެ ކުރީގައި ސްކޫލެއްގެ ޕްރިންސިޕަލަކު އެ ތަނުގައި އޭސީއެއް ހަރުކުރާ ވާހަކައެއް ސަރުކާރުގައި ދެއްކުމަކީ ވެސް ކުށެއް ގޮތަށް ވެފައި އޮންނަނީ،” މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ހިންގާ 217 ސްކޫލްގައި އެ މަސައްކަތް ފެށިއިރު، އޭގެ ތެރެއިން 61 ޕަސެންޓް ސްކޫލް އޭސީކޮށް ނިމިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް ފެށީ ޖޫން 2024ގައެވެ. ސަރުކާރުން އޭރު އަމާޒުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމުމަށެވެ. ސަރުކާރުން ފުރަތަމަ ކަނޑައެޅި އަމާޒަށް އެ މަސައްކަތް ނުނިމުނު ނަމަވެސް، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދެބައިކުޅައެއްބައަށްވުރެ ގިނަ ސްކޫލްތަކުގައި އެ މަޝްރޫއު ކާމިޔާބުކަމާ އެކު މި ވަނީ ނިންމާލައިފައެވެ.














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































