
ވ. އަލިމަތާ ކައިރީގައިވާ ހޮހަޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް މި މަހުގެ 14ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި، އެ މީހުންގެ މޯބައިލް ފޯނުތަކާއި އިލެކްޓްރޯނިކް އާލާތްތައް ޖިނާއީ ތަހުގީގަކަށް އިޓަލީއަށް ގެންގޮސްފިއެވެ.
އިޓަލީގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ރޯމްގެ ޕްރޮސެކިއުޓަރުންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ތަހުގީގަށް ބޭނުންވާ ފޯނުތަކާއި އެހެނިހެން ސާމާނުތައް ޖެނޯއާގެ ފްލައިން ސްކޮޑާ މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ތަކެތި ރާއްޖެއިން އިޓަލީއަށް ގެންދިޔައީ، ހާދިސާ ހިނގިއިރު އެ މީހުންނާއެކު އެއް ސަފާރީއެއްގައި ހުރި ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރު ސްޓެފާނޯ ވެނިން މެދުވެރިކޮށެވެ. މީގެ އިތުރުން، މިހާރު ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑައިވަރުންގެ ގޯޕްރޯ ކެމެރާތަކާއި ޑައިވް ކޮމްޕިއުޓަރުތައް ވެސް ހޯދުމަށް އިޓަލީގެ ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި އާލާތްތަކުން ޑައިވަރުން ކަނޑުއަޑީގައި ހޭދަކުރި ވަގުތާއި، ދިޔަ ފުންމިނާއި އަދި ހާދިސާ ހިނގި ވަގުތުގެ މަންޒަރުތައް ފެނުމަކީ ވަރަށް ގާތް ކަމެކެވެ.
މި ހާދިސާގައި ޖެނޯއާ ޔުނިވާސިޓީއަށް ނިސްބަތްވާ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭ އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، މިއުރިއެލް އޮޑެނީނޯ، ފެޑެރީކޯ ގުއަލްޓިއޭރީ އަދި ޖިއަންލޫކާ ބެނެޑެއްޓީ ވަނީ މަރުވެފައެވެ. އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި، މި މީހުންގެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމަށްފަހު، މަރުވި އަސްލު ސަބަބު ކަށަވަރު ކުރުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، މި މީހުން ސަލާމަތްކުރުމަށް ދިވެހި ގައުމީ ދިފާއީ ބާރުން ހިންގި އޮޕަރޭޝަނުގެ ތެރޭގައި އެމްއެންޑީއެފްގެ ކުޅަދާނަ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.
މަރުވި އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ނެރެފައިވަނީ ފިންލޭންޑުގެ ކޭވް ރެސްކިއު ޓީމެއްގެ އެހީތެރިކަމާއެކުގައެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ފާހަގަކުރެއްވި ގޮތުގައި، ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ފެންގަނޑު ކިލަނބުވެ، ދާންވީ ދިމާ ނޭނގުމުގެ ސަބަބުންނެވެ. އެހެންކަމުން ނުކުންނަން އުޅުމުގެ ތެރޭގައި ބަންދުވެފައިވާ ދިމާއަކަށް ވަދެވި، އެ މީހުން އެތާނގައި ތާށިވީ ކަމަށް ބެލެވެއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































