
އިއްޔެ ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ އެކު، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަހަމްވި ކާރިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފިލިޕިންސްގެ ރައީސް، ފާޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއާ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ އެ ކާރިސާގެ ހަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވިއެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ބައިނަލްއަގުވާމީ ނިއުސް އެެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެެ ބިން ހެލުމުގައި 37 މީހުން މަރުވެ 20،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































