ސަރުކާރުގެ އަމާޒަކީ ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް އެކަން ހުއްޓުވުންކަމަށް ހޯމްލޭންޑް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންސާނީ ވަގުވިޔަފާރިއާއި އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށް ފާއިތުވި ދެ އަހަރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން “މޯލްޑިވްސް އެންޓި ހިއުމަން ޓްރެފިކިން ސްޓްރެޓެޖިކް ޕްލޭން 2026- 2028″އަށް މިހާރު އަމަލުކުރަން ފަށާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި ސަރުކާރުގެ އަމާޒަކީ ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް އެކަން ހުއްޓުވުންކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

“އެ އަމާޒު ހާސިލުކުރެވޭނީ ހޭލުންތެރިކަން އިތުުރުކޮށްގެން ކަމަށްވާތީ ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދަނީ ފުޅާކުރަމުންނެވެ”މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖެ އައުމަށް ފަހު ވެސް އެ މީހުންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުވައި މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ އެކްސްޕްލޮއިޓޭޝަން މަދުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

Leave a Reply