ބައިނަލްއަޤުވާމީ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ މެސެޖެއްގައި، ފުޓުބޯޅައިން އުފަންކުރުވާ އެއްބައިވަންތަކަމާއި އުންމީދަކީ ރާއްޖޭގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް ލާމަރުކަޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މައިގަނޑު ހިތްވަރުކަމުގައި ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެ ގުޅުވައިދޭ މި ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކުޅިވަރު ކުރިއެރުވުމުގެ ސިޔާސަތުގައި މި ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ (ފީފާ)އިން ޤަބޫލުކުރާ ފެންވަރުގެ ޒަމާނީ ދަނޑުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު، ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށް މަގުފަހިކޮށް، ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ.

ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާ އެކު، ޒަމާންތަކެއް ވަންދެން ހަމައެކަނި ވެރިރަށް މާލެއަށް ބިނާވެފައި އޮތް ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން މިހާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައެވެ. ސަރުކާރުގެ އެހީތެރިކަމާ އެކު އެފްއޭއެމްގެ އައު މެނޭޖްމަންޓުން މުޅި ރާއްޖެ ހަތަރު ސަރަޙައްދަކަށް ބަހާލައިގެން، އަތޮޅުތެރޭގެ ޓީމުތަކަށް އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެ ފަހި އިންތިޒާމުތަކެއް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 25ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ފުޓުބޯޅަ ދުވަހަކީ، ޤައުމުތަކުގެ މެދުގައި ސުލްޙަވެރިކަމާއި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ ރޫޙު އާލާކުރުމުގައި ފުޓުބޯޅައިގެ ދައުރު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ، 1924ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުމާ ގުޅިގެން 2024ވަނަ އަހަރުއެވެ.

Leave a Reply