
ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި މާލެއާއި ހުޅުލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން އަދިވެސް ވިއްސާރަކުރާނެކަމަށް އިންޒާރު ދީފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގައި ހުޅުލެއަށް ވަނީ 90.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ވެރިރަށް މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް ވެހިފައި ވަނީ 60 މިލިމީޓަރުގެ ވާރޭއެވެ. މުޅި ރާއްޖެއަށް ބަލާއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑުކުރެވިފައި ވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް ވަނީ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މި ވިއްސާރައިގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެންހެދި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ވެސް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުދެކުނުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެ، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































