ސްރީލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ހަމަލާދީ މަރައިލި މައްސަލައިގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު، ރާއްޖޭގައި ފިލައިގެން އުޅެނިކޮށް އަތުލައިގަނެ، އެ މީހާ އަނބުރާ އެ ގައުމަށް އިއްޔެ ފޮނުވައިލައިފިއެވެ.

ލަންކާގެ މީޑިއާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން ފޮނުވައިލި ފިރިހެންމީހާއަކީ އެ ދެމަފިރިންގެ ގަޔަށް ބަޑިޖެހި ގާތިލުން ދަތުރުކުރި ކާރު ދުއްވަން އިން ޑްރައިވަރެވެ. މި އަނިޔާވެރި އަމަލު ހިންގައިފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޝަނަށް ނިސްބަތްވާ އަކުރެގޮޑާ ސަރަހައްދުގައެވެ.

މި ވަގުތު އެ މީހާ ވަނީ މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި ލަންކާގެ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ. އަދި ހަމައެހެންމެ، މި ހާދިސާއާ ގުޅިގެން ކުރިން ހައްޔަރުކުރި އެހެން ފަރާތެއް ތަހުގީގަށްޓަކައި 90 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަމުރުކޮށްފައެވެ.

އިންޓަޕޯލްގެ އެހީތެރިކަމާ އެކު ރާއްޖެއިން ހައްޔަރުކޮށް ލަންކާއަށް ފޮނުވައިލި މި މީހާއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދުމުގައި ދިވެހި ފުލުހުން އަންނަނީ އަވަށްޓެރި ގައުމުތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.

Leave a Reply