މި ހިނގާ ހަފުތާގެ ތެރޭގައި ވެރިރަށް މާލެއިން ނުރައްކާތެރި ހިމަބިހީގެ ދެ ކޭހެއް ފެނިފައިވާތީ، އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ފެނުނު ދެ ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދައި، ބަލިމީހުންނާ ބައްދަލުވެފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ބަލި ފެތުރުނު ގޮތުގެ ތަޙުޤީޤެއް ހިންގަމުންދާއިރު، އެއްތަންވި މީހުންނަށް ވެކްސިން ދިނުމުގެ ކަންކަންވެސް އަންނަނީ އިންތިޒާމުކުރަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ ފަސް މީހަކަށް ހިމަބިހި ޖެހިފައިވާއިރު، އޭގެ ތެރެއިން ދެ ކޭހަކީ ރާއްޖެއިން ބޭރުން ބަލި އަރައިގެން އައިސްފައިވާ މީހުންގެ ކޭސްތަކެކެވެ.

ސަރަހައްދުގެ އެހެން ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް ސިއްޙީ އިދާރާއިން ވަނީ އެދިފައެވެ. އެގޮތުން، ހުން އައުމާ އެކު ގައިން ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

މިއީ ވައިގެ ތެރެއިންނާއި ބަލިމީހާ ކެއްސައި ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ޖަރާސީމު ހުރި ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ މޫނުގައި އަތްލުމުންނާއި ކާބޯތަކެތި ހިއްސާކުރުމުން ވެސް ބަލި ފެތުރެއެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި، ކުޑަކުދިންނަށާއި، ހަށިގަނޑުގައި ވިޓަމިން އޭ މަދު މީހުންނަށާއި، ކާނާގެ ދަތިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި އުޅޭ ޤައުމުތަކަށް ދަތުރުކުރާ މީހުންނަށެވެ.

މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ގަވާއިދުން ވެކްސިން ފުރިހަމަކުރުމެވެ. ރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގެ ދަށުން، ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު އަދި އެމްއެމްއާރު ވެކްސިން އަންނަނީ އާންމުންނަށް ދެމުންނެވެ.

Leave a Reply