
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ދައުލަތުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް” ގެ ހަތަރުވަނަ ބައްދަލުވުމުގައި ތަރުޖަމާނު މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެންމެ އިމާރާތެއް ފިޔަވައި ދެން ހުރި ހުރިހާ ތަނެއްގެ ކުރެހުންތައް މިހާރު ވަނީ ފާސްކުރެވިފައެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރުން ސައިޓުތަކަށް މޮބިލައިޒްވުމުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ. ފުރަތަމަ 3،260 ޔުނިޓު ތަރައްޤީކުރަން ނިންމި ނަމަވެސް، ބީއެމްއެލްގެ މާލީ ޤާބިލުކަން ހުރުމާ އެކު ސަރުކާރުން ވަނީ އިތުރު 710 ޔުނިޓު މީގެތެރެއަށް އިތުރުކުރުމަށް ނިންމަވާފައެވެ.
މިއާ އެކު މި ސްކީމްގެ ދަށުން ޖުމްލަ 4000 އެއްހާ ޔުނިޓް ތަރައްޤީކުރެވޭނެކަމަށާއި، އަލަށް އިތުރުކުރި ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މުޙައްމަދު ޙުސައިން ޝަރީފް ފާހަގަކުރެއްވީ، މާލީ އިދާރާތަކުގެ ލަފަޔާއި އިރުޝާދު ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އެހެންނަމަވެސް، ހަމައެކަނި ހިސާބުތަކަށް ބަލައިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލެވެން ނޯންނާނެކަން އޭނާ ތަކުރާރުކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލިއްޔާ ހަރުދަނާކުރަމުން، އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދީގެން ކަންކަން ބެލެންސްކުރުން ކަމުގައި ވިދާޅުވިއެވެ. ބީއެމްއެލް މެދުވެރިކޮށް ހިންގާ ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫޢު އެންމެ ފުރަތަމަ އިފްތިތާޙުކޮށްފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































