ހުޅުމާލޭ ފުރަތަމަ ފިޔަވަހި ފްލެޓް 110ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 2ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރު ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ދަނީ ފޯރުކޮށްދެމުންނެވެ.

Leave a Reply