ޖަޕާން ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރު އެއް މިލިއަން ޑޮލަރުގެ ސްކޮލަޝިޕް ރާއްޖެއަށް ދީފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ވަނީ އެކަމާ ގުޅޭ “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ދިވެހި ދިވެހި ސަރުކާރާއެކު ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް، ޝެރީނާ އަބްދުއް ސަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން ނުވަތަ އެއް މިލިއަން ޑޮލަރު ދިނުމަށްވަނީ ނިންމަވާފައެވެ.

ދެހާސް ވިހިވަނަ އަހަރުން ފެށިގެން ދެމުންގެންދާ އެ އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދެއެވެ. އެ ސްކޮލަޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދެއެވެ.

Leave a Reply