އައްޑޫގައި ފަތުުރުވެރިކަން ފުޅާކުރަން ސަރުކާރުން ހާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.
“އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުން އެ ކުންފުނި އުފެއްދެވިކަން އިއުލާންކުރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ހާއްސަ ގަރާރަކުންނެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް “އައްޑުއަތޮޅު ހަންކެޑެ”ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ބުންޏެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް އެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ އެ ކުންފުނި އުފެއްދުމުގެ މަގުސަދެއްކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މީގެ ކުރީ ސަރުކާރުތަކުގައި ވެސް އައްޑޫގައި ފަތުރުވެރިކަން ފުޅާކުރަން ވާހަކަ ދެއްކި ނަމަވެސް އޭގެ އަމަލީ މާބޮޑު ނަތީޖާއެއް ނުފެނެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































