
ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫންކަމަށާ، ސަރުކާރުން ފަހިކޮށްދެވޭ ފުރުސަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުވެ ވަޑައިގެންނެވީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިނގަމުންދާ ސަރުކާރެއްގެ ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފަށައި، އެ ދައުރުގެ ތެރޭގައި، އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތަކީ މީގެކުރިން ދެވުނު ފުރުސަތެއް ނޫންކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމަ އެކަނި ފްލެޓްތަކެއް އިމާރާތްކޮށްގެން ނޫން ކަމަށާ، ލުއިފަސޭހަ ގޮތުގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދެވެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް، ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މާލޭ ސަރަޙައްދުގައި އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމާ ގުޅުންހުރި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ އަދާހަމަވެސް ނޫސްވެރިންނާ މިއަދު ހިއްސާކުރައްވާފަ އެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































