ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، މުސްތަޤުބަލުގެ ޞިއްޙީ ނިޒާމު ދެމެހެއްޓުމަށްޓަކައި މިއަދުގެ ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓުކުރުމަކީ މަޖުބޫރު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިތާބުގައި، ޒުވާން އުމުރުގައި ރަނގަޅު ޞިއްޙީ އާދަތައް ހަރުލެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، އޭގެ ސަބަބުން ދާއިމީ ބަލިތަކުން ދުރުކޮށްދީ، މުސްކުޅިބަލިތައް ލަސްކޮށްދޭނެ ކަމަށެވެ. އަދި ‘ކެއަރ އިކޮނޮމީ’ ނުވަތަ އަޅައިލުމުގެ އިޤުތިޞާދަށް އިސްކަންދިނުމުން، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ފަރުވާ ކަށަވަރުކުރެވި، އާއިލާތަކާއި ޚާއްޞަކޮށް އަންހެނުންގެ ކޮނޑުގައި އެޅިފައިވާ ހިލޭސާބަހަށް މީހުން ބެލުމުގެ ބުރަ ލުއިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއަކީ، އުމުރުން ދުވަސްވީ މީހުންނަށް އިންސާނީ ކަރާމާތާ އެކު އުޅުމުގެ ފުރުޞަތު ލިބި، މަސައްކަތްތެރި އާބާދީގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެން ދިޔުމެވެ.

ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އާބާދީގެ ބޮޑު ބަދަލަކާ ދިމާއަށް ޤައުމު ދަތުރުކުރަމުންދާ މި މުހިންމު މަރުޙަލާގައި، ‘މޯލްޑިވްސް 2.0’ގެ ތަޞައްވުރުގެ ދަށުން ޑިޖިޓަލް އިޤުތިޞާދެއް ބިނާކޮށް، ޢާންމު ޚިދުމަތްތައް ޒަމާނީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޤައުމުގެ ތަރައްޤީގެ ސިޔާސަތުތައް އެކަށައެޅުމުގައި ޞައްޙަ އަދި އެންމެ ފަހުގެ ތަފާސްހިސާބުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށު ފެންވަރުގައި މަޢުލޫމާތު އެއްކުރެވޭނެ އިންތިޒާމުތައް ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، 2030ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދާނީ އިދާރީ ރެކޯޑުތަކާއި އާންމުކޮށް ބޯހިމަނާ ގޮތްތައް އެއްކޮށްލައިގެން، ‘ހައިބްރިޑް’ ނިޒާމެއްގެ ތެރެއިންކަމަށް ވެސް ރައީސް މުޢިއްޒުގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

Leave a Reply