
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އާ މެމްބަރަކު އިންތިޚާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން، މާލެ އާއި އައްޑޫ ސިޓީގައި މާދަމާ ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި އިންތިޚާބުގައި ވާދަކުރައްވަނީ ސިޔާސީ މައި ދެ ޕާޓީއަކުންނެވެ. އެގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދަށް ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ)އަށް ވަނީ ކެންޑިޑޭޓް ނަންބަރު 2 ލިބިވަޑައިގެންފައެވެ. މި ދާއިރާގެ ވޯޓުލުމުގެ ޙައްޤު ޖުމްލަ 4،121 ރައްޔިތަކަށް ލިބިފައިވާއިރު، އިންތިޚާބަށް 4،154 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ދެ ފޮށި ހުންނާނީ މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ. ބާކީ ފަސް ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައެވެ.
އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓު ސަރުކާރުގެ ގެޒެޓުގެ އިތުރުން ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ. އިންތިޚާބުގެ ކެމްޕޭން ކުރުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ވަނީ މަނާކޮށްފައެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































