
ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މުހިންމު އިޞްލާޙުތައް އެކުލެވޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 39 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
މި ބިލުގެ އެންމެ ބޮޑު މަޤުޞަދަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި އިންޓްރެސްޓްގެ ގޮތުގައި ހިނގާ ޚަރަދުތައް އުނިކުރުމާގުޅޭ އުޞޫލުތައް ހަރުދަނާކުރުމެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ޙަސަން ވަޙީދު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތައް ތަންފީޒުކުރަން ފެށުމާއެކު، އާމްދަނީން ޓެކްސް ނަގާ ނިޒާމުގެ ތެރެއިން ދައުލަތަށް އިތުރަށް 496 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދާނެކަމަށް އަންދާޒާކުރެވެއެވެ.
އައު އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި މިންކުރެވޭނީ ޓެކްސް ހިސާބުކުރެވޭ މުއްދަތުގެ ތެރޭގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. އަދި އިންޓްރެސްޓް ޚަރަދު ކެނޑުމުގައި މިހާރު ދީފައިވާ ބައެއް އިސްތިސްނާތައް އުވާލައި، ސާފު މިންގަނޑުތަކެއް ކަނޑައަޅާފައިވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ ތަޅުމުގައި ކުރެވުނު ބަޙުސްގައި، ބިލަށް ތާއީދުކުރެއްވި މެންބަރުން ވަނީ މިއީ ޓެކްސް ދެއްކުމުން ރެކެން މަސައްކަތްކުރާ ފަރާތްތަކަށް ހުރަސްއެޅި، ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ބިލާ ދެކޮޅަށް ޚިޔާލުފާޅުކުރެއްވި މެންބަރުން ވަނީ މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި އިޞްލާޙުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































