މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެކަމާއި ދައުލަތުގެ ޚަރަދުތައް އެކަށޭނެ މިންވަރެއްގައި ހިފަހައްޓާނެ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުމުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައި ވަނީ، އާމްދަނީ މަދުވުމާއި، ރިކަރަންޓް ޚަރަދު އިތުރުވުމާއި، ރިޒާވުން ފައިސާ ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން އުފެދިފައިވާ ފަރަގު ކުޑަކުރުމަށްޓަކައި ޚަރަދުތައް އެކަށޭނަ މިންވަރެއްގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ބަޖެޓު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މިހާރު ވެސް ދަނީ ތަންފީޒުކުރަމުންނެވެ. އަދި ޚަރަދުތައް އިޞްލާޙުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެކުލަވާލައި، އެކަންކަން މިހާރު ދަނީ ދިރާސާކުރަމުންނެވެ. މީގެ އިތުރުން، މާލީ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާއިން ކުރާ ޚަރަދުތަކާއި ބޭރު ފައިސާ ބޭރުވާ މިންވަރު މެނޭޖުކުރުމުގެ ސިޔާސަތުތައް ވެސް ދަނީ މުރާޖަޢާކުރަމުންނެވެ.

މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، 2026ވަނަ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ ތެލުގެ ސަބްސިޑީއަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

މި ހާލަތާ ގުޅިގެން ހުށަހެޅިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ދައުލަތުގެ ކޭޝް ފްލޯއާއި، ބަޖެޓާއި އަދި ރިޒާވަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިއީ ބޭރުގެ މާޙައުލަށް އަންނަ ބަދަލުތަކާ އެއްގޮތަށް ސަރުކާރުން އިޖާބަދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި އިތުރު ފައިނޭންސިންގ ހޯދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply