ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި އޮންނަ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގައްލައިދޫ ދަނޑުވެރިކަމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ކޮމަންޑޫ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ގައްލައިދޫ 20އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި މަހުގެ 15ވަނަ ދުވަހު ކައުންސިލް އޮފީހުގައި އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.

އެ ރަށް ކުއްޔަށް ދޫކުރަން ނިންމީ ކޮމަންޑޫ ކައުންސިލާއި ގުޅިގެން ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، އެތެރެކުރަން ޖެހޭ ކާބޯތަކެތި މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށާއި އަދި ކޯލި (ޕޯލްޓްރީ)އާއި ބަކަރި އަދި ކުކުޅު ގެންގުޅުމާއި ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގައި ފުރުސަތުތައް ވެސް އިތުރުކުރުން ކަމަށް ވެސް އެ ކައުންސިލްއިން ބުންޏެވެ.

ގައްލައިދޫ ކުއްޔަށް ދިނުމުގެ އުސޫލުގައިވާ ގޮތުން އެ ރަށް ކުއްޔަށް ނަގަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 15،000ރުފިޔާ ކަމަށާއި ކޮންމެ ފަސް އަހަރަކުން ކުލީގެ 15ޕަސެންޓް އިތުރުކުރެވޭނެކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ތެރޭގައި ހަ މަސް ލިބޭނެ ކަމަށާއި އެ މުއްދަތުގައި ހުށަހަޅާ ކުލީގެ 15ޕަސެންޓްނެގޭނެކަމަށް ވެސް ކޮމަންޑޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

Leave a Reply