އެމެރިކާއާއި އީރާނާ ދެމެދު އަނެއްކާ ވެސް ނުރައްކާތެރި ޙަމަލާތަކެއް ބަދަލުކުރަން ފެށުމުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެއެވެ.

އޮގަސްޓު މަހު ފޯރުކޮށްދޭން ހަމަޖެހިފައިވާ ބްރެންޓް މަރުކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 73.21 އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ ސައްތައިން ބަލާނަމަ 0.9 އިންސައްތައިގެ ކުރިއެރުމެކެވެ. މާލީ ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި މި ކުއްލި ބަދަލު އައިސްފައި ވަނީ، މިދިޔަ ޖޫން މަހުގެ 17ވަނަ ދުވަހު އީރާނުގެ ރައީސް މަސްޢޫދު ޕެކެޝްކިއަން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ސުލްހައިގެ އެއްބަސްވުމާ އެކު ހަނގުރާމަ އެއްކޮށް ނިމުމަކަށް އައީކަމަށް އިންވެސްޓަރުންނަށް ނިންމުނުލެއް އަވަސްވުމުންނެވެ. އޭރު އުފެދުނު އުންމީދުތަކާ އެކު ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، އަލުން ފެށުނު ހަމަނުޖެހުންތަކުން ސާބިތުކޮށްދިނީ ހަނގުރާމައަށް އަދި ނިމުމެއް ނާންނަކަމެވެ.

އެއްބަސްވުމުގެ މާއްދާތައް ތަފާތު ގޮތްގޮތަށް މާނަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދެ ޤައުމުގެ ގުޅުން އަނެއްކާ ވެސް ގޯސްވެ، ޙަމަލާތައް ވަނީ ފެށިފައެވެ. އެގޮތުން ޖޫން 25ގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ދެ ބޯޓަކަށް އީރާނުން ޙަމަލާދިންކަމަށް ތުހުމަތުކޮށް، ޖެހިގެން އައި ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނަށް ވަރުގަދަ ޙަމަލާތަކެއްދީފައެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ކުވައިތާއި ބަޙްރައިންގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯންއާއި މިސައިލްތަކެއް ފޮނުވާލާފައެވެ. ނަމަވެސް، މި ނުރައްކާތެރި ކުރިމަތިލުންތަކަށް ފަހު، އަލުން މަޝްވަރާގެ މޭޒަށް ދިއުމަށްޓަކައި ދެ ފަރާތުން ވެސް މިހާރު ވަނީ ޙަމަލާތައް މެދުކަނޑާލާފައެވެ.

އެމެރިކާއިން ފުރަތަމަ އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ އެއް ދުވަސް ކުރިން ނުވަތަ ފެބްރުއަރީ 28ގައި ތެލުގެ އަގު ހުރި މިންވަރާ އަޅާބަލާއިރު، މިހާރުގެ އަގަކީ ފީފާއަކަށް 1.27 ޑޮލަރު (127 ސެންޓު) އިތުރު ޢަދަދެކެވެ. މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ދޮރާށި ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު، ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމާ އެކު އެ މަގުން ދަތުރުފަތުރު ކުރެވިދާނެކަމާމެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

Leave a Reply