
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުޑަތަންކޮޅެއް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 633,769ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 632,422ފަތުރުވެރިންނާ އަޅާބަލާއިރު 0.2އިންސައްތައިގެ ކުރިއެރުމެކެވެ.
މުޅި ކުއާޓަރަށް ބަލާއިރު އަދަދުތައް މަތިވި ނަމަވެސް، ވަކިވަކި މަސްތަކަށް ބަލާއިރު މާރިޗު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. މި އަހަރުގެ މާރިޗު މަހު 161,259ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 203,468ފަތުރުވެރިންނާ އަޅާބަލާއިރު 20.7 އިންސައްތައިގެ ދަށްވުމެކެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު
ޗައިނާ – 94,823ފަތުރުވެރިން
ރަޝިއާ – 79,326ފަތުރުވެރިން
ޔޫކޭ – 61,162ފަތުރުވެރިން
އިޓަލީ – 57,350ފަތުރުވެރިން
ޖަރުމަނު – 43,344ފަތުރުވެރިން
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ބެޑް ނައިޓްސްގެ ޖުމްލަ އަދަދަކީ 4,138,423އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތ ހުރީ މިދިޔަ އަހަރުގެ 6.8ދުވަހުގައެވެ. ނަމަވެސް މި އަހަރު 7.1ދުވަހަށް ވަނީ އިތުރުވެފައެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































