
އިތުރު ފަސް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫގެ އިތުރުން ބ. ކިހާދޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ އިއްުޔެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގަން ށ. ފުނަދޫ، ގދ. މަޑަވެލި، ފ. ދަރަނބޫދޫ އަދި ކ. ގާފަރުގެ އިތުރުން ކ. މާފުށީގައި ހިންގަން ވެސް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދުއެވެ.
މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ދަށުން.
- ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 26.55ހެކްޓަރުގެ ބިން ހިއްކައި 3284މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 50މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖަހާނެ.
- ގާފަރު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް 420މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއެކު 17މީޓަރުގެ ބޮޑުހިލައިގެ ސަބްމާރޖްޑް ބޭރުތޮށި ލާނެ.
- މަޑަވެލީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް ދޯނި އެހެލާ ސަރަހައްދެއް ހަދައި 253މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއެކު 537މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ރިވެޓްމަންޓް އަދި 535މީޓަރުގެ ރިވެޓްމަންޓް ޖަހާނެ.
- ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ގްރޮއިން ޖަހައި 635މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ ގާއިމުކުރާނެ.
- މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 25ހެކްޓަރުގެ ބިން ހިއްކައި 724މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 162މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ އަދި 356މީޓަރުގެ ގްރޮއިން ޖަހާނެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































