ލޮލުގެ ބޮޑި ތޮޅުމަކީ ވެސް ކާމިޔާބެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިހެން އެމަނިކުފާނު ވިދާޅުވީ، މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު އޮތް ނާޒުކު ފައްތަރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ހާލަތަކީ ބޮޑެތި އުފާތައް ފާހަގަކޮށް ހަވާ އަރުވާ ފަދަ ތަނަވަސްކަމެއް އޮތް ދަނޑިވަޅެއް ނޫން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، ފިޗުން ގެނައި ބަދަލަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިން ރާއްޖޭގެ އިގުތިސާދީ މިސްރާބާމެދު ކުރާ އިތުބާރު ބޮޑުވަމުންދާކަމުގެ ސާފު ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

“ބަލިމީހާގެ ލޮލުގެ އެސްފިޔަ ޖަހާލުމަކީ ވެސް ފަރުވާގެ ނަތީޖާ ފެންނަން ފެށުން. ހާލަތު ރަނގަޅުވެ އެ ބަލިމީހާ މުޅިން ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލާ ދުވަހަކީ ގައުމަށް ލިބޭ ބޮޑު އިންވެސްޓްމަންޓްތަކާ އެކު ރައްޔިތުން އުފާފާޅުކޮށް ހަވާ އަރުވާނެ ދުވަސް.” ތަރުޖަމާނު ދިވާޅުވިއެވެ.

ގައުމު ބަނގުރޫޓުވާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ނުސީދާކޮށް ފާޑުވިދާޅުވަމުން، ތަރުޖަމާނު ސިފަކުރެއްވީ އެއީ ރާއްޖެއަށް ނިކަމެތިގޮތް ވުމަށް އެދި ބަޔަކު ކުރަމުންދާ ދުއާއެއްގެ ގޮތުގައެވެ. ދައުލަތް ބަނގުރޫޓުވެއްޖެނަމަ އޭގެ ގެއްލުން ކުރިމަތިވާނީ ހަމައެކަނި މިހާރުގެ ސަރުކާރަށް ނޫންކަމާއި، އޭގެ ހިތްދަތިކަން އުފުލަންޖެހޭނީ އަންނަން އޮތް ސަރުކާރަކުން ކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ. މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، އެއްވެސް އިރެއްގައި ޑީފޯލްޓް ނުވެ މިހާތަނަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް ނިންމާފައިވާކަން މުންދު ކަށަވަރުކޮށްދެއްވިއެވެ.

ފިޗުގެ ރޭޓިންގއަށް އައި ހެޔޮ ބަދަލަކީ ހަމައެކަނި ދިވެހިންނަށް ލިބުނު އުފަލެއް ނޫންކަމަށާއި، މިއީ ބޭރުގެ އިންވެސްޓަރުންނަށް ވެސް ރާއްޖެއާމެދު އޮތް ޔަގީންކަން އާލާވެގެންދިޔަ ކަމެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އުންމީދު ކަނޑާލާފައިވާ ބަލިމީހަކު ލޯ ހުޅުވާލުން ފަދަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން މި ކުރިއެރުން ސިފަކުރެއްވުމާ ގުޅިގެން މުންދު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ އިގުތިސާދަށް ބޭނުންވާ ފަރުވާދީގެން ކޮޅަށްޖެހުމަށް ކަމަށެވެ.

Leave a Reply