
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސަސްޕެންޑްކޮށްފިއެވެ.
ނާޒިމް އެ މަގާމުން ސަސްޕެންޑްކުރިކަން ޕީއެންސީގެ އޮފިޝަލަކު “ދެން”އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދޭތީ ސަސްޕެންޑްކުރީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެއެވެ.
ނާޒިމް ސަސްޕެންޑްކުރި އިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ނާޒިމް އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށް އެ ގްރޫޕުގެ 74 މެންބަރުން ސޮއިކުރައްވައި އެ މައްސަލަ މަޖިލީހަށް ވައްދާފައި އޮއްވައެވެ. އަދި އޭނާ މަގާމުން ވަކިކުރަން އާދިއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އޮތީ އެޖެންޑާވެސްކޮށްފައެވެ.
ނާޒިމްއަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ މެދު މަސަލަސްކަމާއި ބަދަހިކަން ނަގާލުމަށް މަސައްކަތްކުރުން ހިމެނެއެވެ. ނަމަވެސް އެކަން ނާޒިމް ވަނީ ދޮގުކުރައްވާފައެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































