އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2026ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ފުޅާ ހަރަކާތްތަކެއް ފަށައިފިއެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި މައުރަޒު ސެޕްޓެމްބަރު 14އިން 17އަށް ކުރިއަށް ދާނެއެވެ. މި އަހަރުގެ މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވެއެވެ. މީގެ އިތުރުން ވީއެމްސީއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް ވެރިން މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވައެވެ. މި މައުރަޒުގައި ރާއްޖެ ތަމްސީލްކުރަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ މާހައުލު ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ 517.5 އަކަމީޓަރުގެ ބޮޑު ސްޓޭންޑެއްގައެވެ.

މި މައުރަޒުގައި ރާއްޖެ އިޝްތިހާރުކުރަމުން ދަނީ ތަފާތު ގިނަ ތަޖުރިބާތަކެއް އެކުލެވިގެންވާ މަންޒިލެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ލަގްޒަރީ ރިސޯޓްތަކާއި، ސަފާރީ، ޑައިވިންގ، ސާފިންގ، އާއިލީ ޗުއްޓީ، ހަނީމޫން، ވެލްނެސް، މައިސް އަދި ލޯކަލް ޓޫރިޒަމް ހިމެނެއެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށް މުސްލިމް ފަތުރުވެރިންނަށް އެކަށޭނަ “ހަލާލް ޓޫރިޒަމް” އާއި، ހަލާލް ކެއިންބުއިމުގެ ފުރުޞަތުތަކަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއެއް ކަމަށާއި މިއީ “ވިޒިޓް މޯލްޑިވްސް އިޔަރ 2027″އަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަމުގެ އުފެއްދުންތައް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ މަތީ ފަންތީގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، މިއަދު ފަތުރުވެރިކަން ވަނީ އާއިލީ ދަތުރުތަކާއި، ވެލްނެސް، އެޑްވެންޗަރ އަދި މައިސް ފަދަ އެކި ދާއިރާތަކަށް ފުޅާވެފައެވެ. އަދި އަމާޒަކީ ބައިނަލްއަޤްވާމީ ބޮޑެތި ޙަރަކާތްތަކުގެ އެހީގައި މި ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply