
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ އެންމެހާ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރިހަމައަށް ނިންމާލައިފިކަމަށް މިއަދު ހާމަކުރައްވައިފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4،121 މީހުންގެ ފައިނަލް ލިސްޓުގައި މިއަދު ހެނދުނު 10:00 ގައި ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ މަންދޫބުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި ބައި-އިލެކްޝަނަށް ބޭނުންވާ 4،154 ވޯޓު ކަރުދާސް މިހާރު ޗާޕުކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންތިހާބުގައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 5 ފޮށި ބަހައްޓާނީ އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައެވެ. މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު ފަރާތު އިމާރާތުގައި 2 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ވާދަވެރިކަން ބޮޑު މި އިންތިހާބުގައި ވާދަކުރައް ވަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީންނެވެ. ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދަށެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓް ނަންބަރު 2 ގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ.
މި ޖޫން 6ވަނަ ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލާ މީހުންގެ ރަސްމީ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގެ އިތުރުން އީސީގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































