
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ތެރެއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފެންހިންދާ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަށައިފިއެވެ.
އެންޑީއެމްއޭއިން މިފަދައިން ބުނެފައި ވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ފެންހިންދާ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 40 ޕަންޕު ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ރަށަކަށް ފޮނުވާނީ 2 ޕަންޕާއި އެކްސެސޮރީޒް ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މީގެ ތެރެއިން މިހާރު ޕަންޕު ހަވާލުކޮށްފައި ވަނީ 5 ރަށަކަށް ކަމަށާއި އެއީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫއެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައިރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ، މީގެ ކުރިން މި އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށެވެ.
މި މަޝްރޫއުގެ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ.ދިއްދޫ، ހއ.އުލިގަން، ހދ.ނެއްލައިދޫ، ނ.މާފަރު، ރ.ފައިނު، ބ.ކުޑަރިކިލު، ޅ.ނައިފަރު، ކ.ގާފަރު، ތ.ބުރުނީ، ދ.ހުޅުދެލި، ފ.މަގޫދޫ، ފ.ބިލެއްދޫ، ގދ.ހޯޑެއްދޫ، ގދ.ކަނޑުހުޅުދޫއެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ބުނެފައި ވަނީ މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތެރޭގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، އެން.ޑީ.އެމް.އޭއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































