
ދިވެހިރާއްޖޭގައި މިހާރު އޮތް ފެހި ގާނޫނުއަސާސީގެ ދަށުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި ކޯލިޝަނަށް މަރުޙަބާ ކިޔާކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙް ފާހަގަކުރެއްވި ގޮތުގައި، އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އުފެދުނު ކޮންމެ ސަރުކާރެއް ވެސް ވެރިކަމާ ހަވާލުވެފައި ވަނީ ގިނަ ޕާޓީތަކެއް އެކުލެވޭ އިއްތިހާދެއްގެ ތެރެއިންނެވެ. އެގޮތުން، ކުރީގެ ރައީސުން ކަމުގައިވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީންގެ އިތުރުން ޚުދު އެމަނިކުފާނުގެ ވެރިކަން ވެސް ގާއިމުކުރެވުނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކުކަން ހަނދާންކޮށްދެއްވިއެވެ. ހަމައެކަނި އަމިއްލަ ޕާޓީގެ މެންބަރުންނަށް ބަރޯސާވެގެން އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ސާފުކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުގައި މިވަގުތު ތިބި ފަސްދޮޅަހަކަށް ހާސް މެންބަރުންގެ އިތުރުން، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އިތުރު ނުވަދިހަ އެއްހާސް ވޯޓު ހޯދަންޖެހޭނެ ކަމަށެވެ.
މި ބޮޑު އަދަދު ހާސިލުކުރެވޭނީ، އިއްތިހާދުވާ އެހެނިހެން ޕާޓީތަކުން ވެސް ބަލައިގަންނަ، އަދި އެ ފަރާތްތަކަށް ޔަގީންކަން ލިބޭފަދަ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައިގެން ކަމަށް ޞާލިޙް ވިދާޅުވިއެވެ. އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އަދި އެ ގާބިލުކަން ހުރި އެތައް ލީޑަރުންނެއް އެބަތިއްބެވިކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، 2018ވަނަ އަހަރު އުފެއްދި ސަރުކާރުގެ މަގާމުތައް ބަހާފައި ވަނީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ފަދަ ލީޑަރުންނާ އެކު ވެވުނު އެއްބަސްވުމުގެ މަތިންކަން ފާހަގަކުރައްވައި، އަމިއްލަފުޅަށް އެއްވެސް ޕާޓީއަކަށް މަގާމެއް ދެއްވާފައި ނުވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވިއެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































