
“ރަސްމާލެ” ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 13ވަނަ ދުވަހުގެ ހެނދުނު 10:00އެވެ. ހަވާލުކުރެވޭ ކޮންސަލްޓަންސީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ބޭސްލައިން ދިރާސާތައް ކުރުމާއި، އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކެއްގެ އިތުރުން ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ އިންތިޒާމުތަކާއި، ދަތުރުފަތުރާއި ޔުޓިލިޓީ ނިޒާމުތައް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރުން ވެސް މި ޕްލޭންގެ ތެރޭގައި ހިމެނޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ އިސް އެއް ތަޞައްވުރު ކަމުގައިވާ ރަސްމާލެއަކީ، މުޅިން އައު، ތިމާވެއްޓާ ރައްޓެހި އަދި އިޢާދަކުރަނިވި ހަކަތައަށް ބަރޯސާވާނެހެން ތަރައްޤީކުރާ ސްމާޓް ސިޓީއެކެވެ. ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި 200،000 ހައުސިންގ ޔުނިޓް ޤާއިމުކުރުމަށް އަމާޒު ހިފާފައިވާއިރު، އެ މަޝްރޫޢަށް ބޭނުންވާ 1010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 އަށްވުރެ ގިނަ ހެކްޓަރު މިހާރު ވެސް ވަނީ ހިއްކާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައިނަމަވެސް، އިތުރު ދެ ޑްރެޖަރު ބޭނުންކޮށްގެން އެ މަސައްކަތް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކައި މުޅިން ނިންމާލުމެވެ. އަދި މިހާރު އިޢުލާންކޮށްފައިވާ ގޯތިތައް ދޫކުރަން ފަށާނީ ވެސް ހިއްކުމުގެ މަރުހަލާ އެއްކޮށް ނިމުމުންކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































