
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ބޮޑު މަޝްރޫއުއެއް ފަސް ކުންފުންޏަކާ މި ހަފުތާގެ ތެރޭގައި ހަވާލުކުރުމަށް ނިންމައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ހާމަކުރެއްވި ގޮތުގައި، ކޮންމެ ކުންފުންޏަކާ ވެސް ހަވާލުކުރާނީ 200 އެޕާޓްމަންޓް އެޅުމަށެވެ. މީގެ ތެރޭގައި ހިމެނެނީ 950 އަކަފޫޓަށް ވުރެ ބޮޑު ތިން ކޮޓަރީގެ 140 ޔުނިޓާއި، 700 އަކަފޫޓުގެ ދެ ކޮޓަރީގެ 60 ޔުނިޓެވެ.
މީގެ ކުރިން ރާއްޖޭގައި ކުރިއަށްގެންދިޔަ ސޯޝަލް ހައުސިންގ މަޝްރޫއުތަކާ ޚިލާފަށް، މި ފަހަރުގެ ފްލެޓުތައް ޖާގަ ތަނަވަސްވާނެކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިމާރާތްތަކުގެ އެތެރޭގެ ފިނިޝިންގ މަސައްކަތްތަކާއި، ގޭގެ ކުރިމަތީގައި އޮންނަ ހުސް ޖާގަތައް ވެސް ކުރީގެ މަޝްރޫއުތަކަށްވުރެ މާބޮޑަށް ފުރިހަމަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ތިން ބިމެއް އަދި ވިލިމާލެއިން އެއް ބިން މިހާރު ވެސް ވަނީ ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ބިންތަކުގައި ކުރަންޖެހޭ ޑިޒައިނިންގ މަސައްކަތްތަކާއި ހުއްދަތައް ހޯދުމަށް ފަހު، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެކަމަށް ވެސް ވުޒާރާއިން މައުލޫމާތުދެއެވެ.














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































