ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ތަމްސީލުކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މާދަމާ ބާއްވާ އެތެރޭގެ އިންތިޚާބުގައި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ ކަލާފާނު ސްކޫލުގައި ކަމަށް އެ ޕާޓީން އިއުލާނުކޮށްފިއެވެ.

މާދަމާ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްދާ މި ޕްރައިމަރީގައި ވާދަކުރައް ވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވާފައިވާ ކުރީގެ މެމްބަރު މުހައްމަދު ސިނާންގެ އިތުރުން، މިވަގުތު ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދެވެ.

ވޯޓުލުމުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ހިތަދޫގައި ރަޖިސްޓްރީވެފައިވާ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ސްކޫލުގައި ބަހައްޓާ ފޮއްޓަށެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން އެހެނިހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ކަލާފާނު ސްކޫލުގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށް ވެރިކަންކުރާ ޕާޓީން މައުލޫމާތުދެއެވެ.

މި އެތެރޭގެ އިންތިޚާބުގައި ޖުމްލަ 727 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް ޕީއެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.

Leave a Reply