
ވައިގެ މަގުން އެތެރެކުރަން އުޅުނު ހަތަރު ކިލޯއެއްހާ ކެނެބިސް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި ވައިގެ މަގުން ގެނައި އެއާ ފްރައިޓް ޝިޕްމަންޓެއްގައި އެ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ތަކެތި އަތުލައިގަތީ އެ ޝިޕްމަންޓްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންނެވެ.
އެގޮތުން އަތުލައިގަތް ތަކެތީގައި 3.8 ކިލޯގެ ކެނެބިސް އަތުލައިގަތްކަމަށް ބުންޏެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
އަދި އެއީ ކޮން ގައުމަކުން އެތެރެކުރި ތަކެއްޗެއް ކަމާއި އެތެރެކުރީ ކޮން ބަޔަކު ކަމެއް ވެސް ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު ވެސް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ ކެނަބިސް އަތުލައިގެންފައި ވެއެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































