ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި، ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ތިން ވަޒީރަކު، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް މިދިޔަ ހަފުތާގެ ތެރޭގައި އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް އެމްއެމްޓީވީއަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، އެ މަޤާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ކުރީގެ މިނިސްޓަރު ތާރިޤް އިބްރާހީމްގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ ފާޠިމަތު ދިޔާނާ ސަޢީދެވެ. މި ބޭފުޅުން މަޤާމުތަކާ ހަވާލުވެވަޑައިގަތީ މިދިޔަ ހަފުތާގެ އެކި ދުވަސްމަތިންނެވެ.

މީގެ ތެރެއިން އާދަމް ޝަރީފް އާއި ތާރިޤް އިބްރާހީމަކީ، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން މި މަހުގެ 14 ވަނަ ދުވަހު ކެބިނެޓުން އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އާދަމް ޝަރީފް ވަނީ މި ސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ވަޒީރުކަން ކުރައްވާފައެވެ. އަދި ތާރިޤް އިބްރާހީމް ވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައެވެ.

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ދެން އައްޔަންކުރެއްވި ދިޔާނާ ސަޢީދަކީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބުކަން ވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

Leave a Reply