
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެލްޖީއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭއަށް ތިން މެންބަރަކު އައްޔަނު ކުރާނެއެވެ. އެއީ:
- ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް
- ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެނަބަރެއް
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ކުރިމަތިލުމަށް އެދޭ ފޯމު އެލްޖީއޭގެ އިންތިޚާބުތަކަށް ޚާއްސަ އީމެއިލް [email protected] އަށް ފޮނުވޭނެ ކަމަށާއި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިކަމެއް ދިމާވާ ނަމަ، އޮތޯރިޓީއަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި މި ފޯމަށް ޖަވާބުދިނުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި އެއްވެސް ސަބަބަކާ ގުޅިގެން ފޯމު ބަލައިނުގަނެވޭ ނަމަ، ބަލައިނުގަނެވުނު ސަބަބު އީ-މެއިލް މެދުވެރިކޮށް، ފޯމު ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި، އަންގާނެއެވެ. އަދި ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް ފުރުޞަތު ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ މި އިންތިހާބު ކުރިއަށްދާނީ އޮގަސްޓު މަހުގެ 8ވަނަ ދުވަހު ކަމަށާއި ވޯޓުލުން ކުރިއަށް ދާނީ އެދުވަހުގެ ހެނދުނު 10:00އިން ހަވީރު 16:00އަށް ކަމަށެވެ. ރަސްމީ ނަތީޖާ އޯގަސްޓް 11 ވާ އަންގާރަ ދުވަހު ކަމަށް ވެސް ބުނެފައިވެއެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































