
މާލޭގެ ވަކި ސަރަހައްދަކަށް ކުނިއަޅާ މައްސަލަ ހައްލުކުރަން ހާއްސަ ފިޔަވަޅުތަކެއް މާލެ ސިޓީ ކައުންސިލްއިން އަޅަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްއިން ބުނީ ދެވިނަމަގު މއ. ހިތިލާގެ ގުދަނުގެ ވެހިކަލްތަކަށް މުދާ ބަރުކުރުމަށާއި ބޭލުމަށް ހާއްސަކޮށްފައިވާ ހުސްޖާގައަށް އާންމުން ކުނިއަޅާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން މި ސަރަހައްދަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކުނިއަޅާ މައްސަލަ ތަކުރާރުކޮށް ކައުންސިލަށް ހުށަހަޅަމުންދާކަމަށް ކައުންސިލްއިން ބުންޏެވެ.
އެހެންވެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އެ ސަރަހައްދަށް ކުނިއަޅާ މީހުން ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާކަމަށް ކައުންސިލްއިން ބުންޏެވެ.
އަދި އެ ސަރަހައްދަށް ކުނިއެޅުން މުޅިން ހުއްޓުވުމަށްޓަކައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން މިހާރު އެ ސަރަހައްދުގައި ތިބެގެން ޑިއުޓީ ކުރަމުންދާކަމަށް ވެސް ބުންޏެވެ. މިއީ އެ ސަރަހައްދު ވިލަރެސްކޮށް، ކުނިއަޅާ ފަރާތްތައް ވަގުތުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
މާލޭގެ މަގުތަކާއި ހުސްޖާގަތަކަށް ކުނިއެޅުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާއިރު، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































